އެއް ޒަމާނެއްގައި އުޅުނު ރާ ބޯ މީހަކު ޒިނޭ ކުރާ މީހަކާއި ދިމާއަށް އެބަ ބުނެއެވެ.
ރާބޯ މީހާ: އަހަރެން ރާ ބުއިމަކީ އަހަރެންނަށް ލިބެން ޖެހޭ ޙައްޤެކެވެ.
ޒިނޭ ކުރާ މީހާ: ތިހެން ވިއްޔާ އަހަރެން ޒިނޭ ކުރުމަކީ ވެސް އަހަންނަށް ލިބެން ޖެހޭނެ ޙައްގެކެވެ. އަހަރެން ބޭނުން ކޮންމެ މީހަކާއި އެކުވެސް އަހަރެންނަށް ޒިނޭ ކުރެވެން ޖެހޭނެއެވެ. ކަލޭގެ މަންމަ އާއި އެކުވެސް………
މިހިސާބަށް ބުނިތަނާ ރާބޯ މީހާ ޒިނޭ ކުރާ މީހާގެ ކަންކަށި މެތި އެތި ފަހަރެއް ޖަހައިފިއެވެ. ދެން ދެމީހުން ދެމީހުންނަށް ތަޅާ ފޮޅަމުން ގޮސް ރާ ބޯ މީހާ މަރުވީ ޒިނޭ ކުރި މީހާ އޭނާގެ ހިނދިވަޅެއްގައި ޖެހުމުގެ ސަބަބުންނެވެ.
މިއީ މިއަދު މިޒަމާނުގައި ކަންހިނގަމުން އަންނަ މަގެވެ. މިފަދަ ލާދީނީ ކަންކަން ހުއްދަ ކުރެވިދާނެއެވެ. ނަމަވެސް ދެން މުޖުތަމައުގައި އުފެދޭ ފަސާދަތަކާއި ހަމަނުޖެހުންތަކުގެ ސަލާމަތެއް ނުވެވޭނެއެވެ.
މިއަދު ދިވެހި ރާއްޖޭގައިވެސް އެންމެ ގަދައަށް ދެކެވެނީ އެކި އެކި ހައްޤުތަކުގެ ވާހަކައެވެ. ރާ ބުއިމުގެ ހައްޤުގެ ވާހަކައެވެ. އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ފިރިހެން ކުޅި ކުޅުމުގެ ޙައްޤުތައް ނުލިބޭ ވާހަކައެވެ. ވައްކަން ކުރުމާއި މާރާމާރީއާއި އަދިވެސް އެބަޔަކު ބޭނުންވާ ކަމެއް ނުވުމުން އެކަމެއް ކުރުމުގެ ޙައްޤުތައް ނުލިބޭ ވާހަކައެވެ. މިއީ އޭގެ ޒާތުގައި ހައްޤު ތަކަކަށް ހަދަން އުޅުނު ކަމުގައި ވިޔަސް ޙައްޤުތަކަކަށް ވާނެ ކަންކަމެއް ނޫނެވެ. ސަބަބަކީ މަތީގައި ދެންނެވިފަދައިން ކޮންމެ މީހަކުވެސް އެމީހަކު އަމިއްލަ ނަފުސަށް އެކަމެއް ކުރަން ބޭނުންވާ ފަދައިން އެހެން މީހުން އެކަން ކަން ކުރަން ބޭނުން ނުވާތީއެވެ.މިސާލަކަށް ތިމާ އެހެން މީހުންގެ ގާތް މީހުންނާއި ޒިނޭ ކުރަން ބޭނުންވާ އިރު، ތިމާގެ ގާތް މީހުންނާއި އެކު އެހެން މީހުން އައިސް ޒިނޭ ކުރުމަކަށް ތިމާއެއް ނޭދޭނެއެވެ. އިސްލާމް ދީނުގައި މިފަދަ ކަންކަން މަނާކުރަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އަދި މުޖުތަމައުގައި އަމަން އަމާން ކަން ހިފެހެއްޓުމަށްޓަކައެވެ. އެހެން ނޫންނަމަ އެ މުޖުތަމައެއްގައި އިޖުތިމާއި ހަމަހަމަ ކަމެއް ނޯންނާނެއެވެ. މިއަދު ދިވެހި މުޖުތަމައުތައް ދަނީ މިފަދަ ހާލަތެއްގައި ދެކޮޅަށް ކިރެމުންނެވެ. ފަގީރު ނިކަމެތިންގެ ޙައްޤުތަކެއް ނޯވެއެވެ. ބާރާއި ނުފޫޒު އޮންނަނީ ފައިސާވެރި މީހުންގެ އަތްމަތީގައެވެ. ގައުމު ކޮންޓުރޯލް ކުރަނީ ޑުރަގު ވިޔަފާރިވެރިންނާއި އަމަލުވެރިންނެވެ. އެއީ ހިނގާ ވަރުގަދަ ސަރުކާރެއް އޮތް އިރުގައެވެ. ކުރިންވެސް އެހެންނެވެ. މިހާރުވެސް އެހެންނެވެ. ވަކި ތަފާތެއް ނެތެވެ. ގަވާއިދު ތަންފީޒު ކުރެވެމުންދާ އިރުވެސް މެއެވެ.ވީމާ އަދި މިހާރު ދިވެހިންނަށް ނުދެވި ހުރި، އެވެރިންގެ ބަހުންނަމަ “ހައްޤު”ތައް ދޭން ވެއްޖެ ނަމަ ދިވެހިރާއްޖެ ހޯދާ ނުފެންނާނެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ދިވެހިރާއްޖެ ދިވެހި ގައުމުގެ ގޮތުގައި އޮތުމަކީވެސް ނާދިރު ކަމެކެވެ.ދިވެހިން އިންޑިޔާ ކަނޑުތެރޭގައި އެއް ގައުމެއްގެ ގޮތުގައި މިތިބެވުނީ އިސްލާމްދީނުގައި ހިފަހައްޓައިގެން އެކައްޗެއް ކިޔައިގެން ތިބީތީއެވެ. ކިރިޔާވެސް ދިވެހިން އަތަކަށް ގޯޅި އަޅާލައިފިނަމަ ދިވެހިރާއްޖެ މިނިވަން ދިވެހިރާއްޖެއެއް ގޮތުގައި އިންޑިޔާ ކަނޑުގައި ހަނދުފަޅި ޖެހި ދިދައެއް ނަގައިގެނެއް ނުތިބެވޭނެއެވެ. އޭރުން ހުންނާނީ ރަތް ރޮނގު ދެމި ހުދުތަރި ޖެހި ދިދައެކެވެ. އެހެންނޫނިއްޔާ ގުރާފެހި ރޮނގާއި އޮރެންޖު ކުލަ ރޮނގު ދެމި ވައްބޯޅައެއް މެދުގައި ޖެހި ދިދައެކެވެ.
އެހެންވީމާ މިހުރިހާ ހައްޤުތަކެއް ހައްގުތަކަކަށް ހެދޭކަށް ނެތެވެ. އެއީ ހަމަ ބޮޑެތި ކުށްތަކެވެ. އެކުށްތަކަށް ވަރުގަދަ އަދަބުތައްވެސް ދެވެން ޖެހޭނެއެވެ. މިއިން ކޮންމެ ކަމެއް ޙައްޤު ކަމުގައި ބަލަންޏާ ފިލޯސަފަރުން ވިދާޅުވާހެން ދެން ދުނިޔޭގައި އޮންނާނީ ހައްތަހާވެސް ޙައްޤެވެ. އެއީ ގުއި ގަނޑެއް ކަމުގައި ވިޔަސް އެވެސް ހައްޤެވެ.
ނިމުނީ